AFIRIN Learn • Practice • Succeed
QURAN READER · 11 OF 114

Hud

123 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ الٓر كِتَٰبٌ أُحْكِمَتْ ءَايَٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ۞ 1

ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) (މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޡާމަކުން ތަންޡީމް ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްޞީލު ކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެ ޙަޟްރަތުންނެވެ.

أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنَّنِى لَكُم مِّنْهُ نَذِيرٌ وَبَشِيرٌ ۞ 2

(އެއީ) ތިޔަބައިމީހުން ﷲއަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ، އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކީމެވެ.

وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُۥ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ۞ 3

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން ތައުބާ ވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި ޢަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ (ޤިޔާމަތް ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.

إِلَى ٱللَّهِ مَرْجِعُكُمْ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ۞ 4

ތިޔަބައިމީހުން އެނބުރި ދިއުންވަނީ، ﷲގެ ޙަޟްރަތަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

أَلَآ إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا۟ مِنْهُ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ۞ 5

ދަންނާށެވެ! ހަމަކަށަވަރުން، އެއުރެން، އެއުރެންގެ މޭތައް އަނެއްފަރާތަށް އަނބުރާލަތެވެ. (އެއީ) އެކަލާނގެއަށް ވަންހަނާވެގަތުމަށެވެ. ދަންނާށެވެ! އެއުރެންގެ ފޭރާމުން އެއުރެން ފޮރުވިގެން ތިބޭއިރުވެސް، އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِى كِتَٰبٍ مُّبِينٍ ۞ 6

ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ.

وَهُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ ۞ 7

އަދި އެކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ޢަރްޝު (އޭރު) ވަނީ ފެން މަތީގައެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން، އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ. އަދި މަރުވުމަށްފަހު، ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި، މަޙްޝަރަށް ފޮނުއްވާނެޔޭ ކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން، ކާފިރުވި މީހުން ބުނާނެތެވެ. މިއީ، ބަޔާންވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ.

وَلَئِنْ أَخَّرْنَا عَنْهُمُ ٱلْعَذَابَ إِلَىٰٓ أُمَّةٍ مَّعْدُودَةٍ لَّيَقُولُنَّ مَا يَحْبِسُهُۥٓ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ۞ 8

އަދި ޢަދަދު ކުރައްވާފައިވާ ވަގުތުކޮޅަކަށް، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ޢަޛާބު ފަސްކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އެ ޢަޛާބު އަޔަނުދީ ބަންދުކުރަނީ، ކޮންއެއްޗެއްހެއްޔެވެ؟ ދަންނާށެވެ! އެއުރެންނަށް ޢަޛާބު އަންނަ ދުވަހު އެއުރެންގެ ކިބައިން އެ ޢަޛާބު ދުރުނުކުރައްވާ ހުށްޓެވެ. އަދި އެއުރެން އެއަށް ފުރައްސާރަކޮށް އުޅުނު ޢަޛާބު، އެއުރެން ވަށައިލާ ހުށްޓެވެ.

وَلَئِنْ أَذَقْنَا ٱلْإِنسَٰنَ مِنَّا رَحْمَةً ثُمَّ نَزَعْنَٰهَا مِنْهُ إِنَّهُۥ لَيَـُٔوسٌ كَفُورٌ ۞ 9

އަދި ތިމަންރަސްކަލާނގެ އިންސާނާއަށް ރަޙްމަތެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ ރަޙްމަތް ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ ރަޙްމަތުން އުންމީދުކަނޑައި، ނިޢުމަތަށް ދެކޮޅުހަދާ ކާފިރަކަށެވެ.

وَلَئِنْ أَذَقْنَٰهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّىٓ إِنَّهُۥ لَفَرِحٌ فَخُورٌ ۞ 10

އަދި، އެ އިންސާނާއަށް ޖެހުނު މުޞީބަތަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް ނިޢުމަތް ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ މުޞީބަތެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ ފަޚުރުވެރިވެފައެވެ.

إِلَّا ٱلَّذِينَ صَبَرُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ۞ 11

ކެތްތެރިވެ، ޞާލިޙު ޢަމަލުތައްކުރި މީހުން މެނުވީއެވެ. އެއުރެންނަށް، ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ.

فَلَعَلَّكَ تَارِكٌۢ بَعْضَ مَا يُوحَىٰٓ إِلَيْكَ وَضَآئِقٌۢ بِهِۦ صَدْرُكَ أَن يَقُولُوا۟ لَوْلَآ أُنزِلَ عَلَيْهِ كَنزٌ أَوْ جَآءَ مَعَهُۥ مَلَكٌ إِنَّمَآ أَنتَ نَذِيرٌ وَٱللَّهُ عَلَىٰ كُلِّ شَىْءٍ وَكِيلٌ ۞ 12

ފަހެ، އެކަލޭގެފާނަށް ޚަޒާނާއެއް ބާވައިނުލެއްވީ ކީއްވެހޭ، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި މަލާއިކަތަކު ވަޑައިނުގަތީކީއްވެހޭ، އެއުރެން ބުނެފާނެކަމަށްޓަކައި، ކަލޭގެފާނަށް ވަޙީ ކުރައްވާ ތަކެތިން ބައެއް، ކަލޭގެފާނު ދޫކޮށްލައްވައިފާނެ ހެއްޔެވެ؟ (އެބަހީ: ދޫކޮށެއްނުލައްވާނެތެވެ.) އަދި އެ ތަކެތި ކިޔަވައި ވިދާޅުވުމުން، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެސްވެދާނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި ﷲއީ، ހުރިހާ ތަކެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ.

أَمْ يَقُولُونَ ٱفْتَرَىٰهُ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ ۞ 13

ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އާޔަތްތަކެއް ކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ ސޫރަތް ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللًّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ!

فَإِلَّمْ يَسْتَجِيبُوا۟ لَكُمْ فَٱعْلَمُوٓا۟ أَنَّمَآ أُنزِلَ بِعِلْمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَ فَهَلْ أَنتُم مُّسْلِمُونَ ۞ 14

ފަހެ، އެއުރެން ތިޔަބައިމީހުންނަށް އިޖާބަ ނުދީފިނަމަ، ފަހެ، ތިޔަބައިމީހުން ދަންނާށެވެ! އެ އާޔަތްތައް ބާވައިލައްވާފައިވަނީ، ﷲގެ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި އެކަލާނގެ މެނުވީ، ޙައްޤު ވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެތެވެ. ފަހެ، ތިޔަބައިމީހުން މުސްލިމުން ކަމުގައި ވާނޫހެއްޔެވެ؟

مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ۞ 15

ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ.

أُو۟لَٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَٰطِلٌ مَّا كَانُوا۟ يَعْمَلُونَ ۞ 16

އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލު ވެގެންވެތެވެ.

أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ وَيَتْلُوهُ شَاهِدٌ مِّنْهُ وَمِن قَبْلِهِۦ كِتَٰبُ مُوسَىٰٓ إِمَامًا وَرَحْمَةً أُو۟لَٰٓئِكَ يُؤْمِنُونَ بِهِۦ وَمَن يَكْفُرْ بِهِۦ مِنَ ٱلْأَحْزَابِ فَٱلنَّارُ مَوْعِدُهُۥ فَلَا تَكُ فِى مِرْيَةٍ مِّنْهُ إِنَّهُ ٱلْحَقُّ مِن رَّبِّكَ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ ۞ 17

ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބަޔާންވެގެންވާ ހެތްކެއްގެ މަތީގައި ހުރި މީހާވެސް ހެއްޔެވެ؟ (އެބަހީ: އެފަދަ މީހާއާއި، އިސްވެދިޔަ އާޔަތުގައި ބަޔާން ވެގެންވާ މީހުންނާ އެއްގޮތެއްނޫނެވެ.) އަދި އެކަލާނގެ ޙަޟްރަތުން ފޮނުއްވި ހެތްކެއް، އެއާވިދިގެން އާދެތެވެ. އަދި އޭގެކުރިން އިމާމެއްގެ ގޮތުގައްޔާއި، ރަޙްމަތެއްގެ ގޮތުގައި މޫސާގެފާނުގެ ފޮތް އޮތެވެ. އެއުރެން (އެބަހީ: ހެތްކެއްގެ މަތީގައިވާ މީހުން) އެއަށް އީމާން ވެތެވެ. އަދި ޖަމާޢަތްތަކުގެ ތެރެއިން އެ ފޮތަށް ކާފިރުވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ވަޢުދު ކުރައްވާފައިވާ ތަނަކީ، ނަރަކައެވެ. ފަހެ، ކަލޭގެފާނު އެކަމާމެދު ޝައްކެއްގައި ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ގޮތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެއަކަށް) އީމާނެއް ނުވެތެވެ.

وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أُو۟لَٰٓئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلْأَشْهَٰدُ هَٰٓؤُلَآءِ ٱلَّذِينَ كَذَبُوا۟ عَلَىٰ رَبِّهِمْ أَلَا لَعْنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ۞ 18

ﷲއާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲގެ ލަޢުނަތް ހުށްޓެވެ.

ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ۞ 19

އެއުރެންނީ ﷲގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދުމަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ އާޚިރަތް ދުވަހަށް ކާފިރު ވެގެން ތިބޭ މީހުންނެވެ.

أُو۟لَٰٓئِكَ لَمْ يَكُونُوا۟ مُعْجِزِينَ فِى ٱلْأَرْضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ يُضَٰعَفُ لَهُمُ ٱلْعَذَابُ مَا كَانُوا۟ يَسْتَطِيعُونَ ٱلسَّمْعَ وَمَا كَانُوا۟ يُبْصِرُونَ ۞ 20

އެއުރެންނީ ބިމުގައި (ﷲ) ނުކުޅައްދައިލެވޭނޭ ބަޔަކު ކަމުގައި ނުވެތެވެ. އަދި ﷲ ފިޔަވައި އެއުރެންނަށް އެހީތެރިވާނޭ ބަޔަކު ނުވެތެވެ. އެއުރެންނަށް ޢަޛާބު ގިނަގުނަކުރައްވާ ހުށްޓެވެ. (ޙައްޤު ބަސްފުޅު) އެހުމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އަދި (ޙައްޤު މަގު) ފެންނަ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ.

أُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ۞ 21

އެއުރެންނީ، އެއުރެންގެ އަމިއްލަ ނަފްސުތައް ގެއްލެނިކުޅަ މީހުންނެވެ. އަދި އެއުރެން ހަދައި އުޅުނު ދޮގުތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ.

لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ۞ 22

ޝައްކެއްނެތެވެ. އާޚިރަތުގައި އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކީ، ހަމަ އެއުރެންނެވެ.

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ هُمْ فِيهَا خَٰلِدُونَ ۞ 23

ހަމަކަށަވަރުން، އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް، އަދި އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް މަޑުމޮޅިވީ މީހުންނީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ.

مَثَلُ ٱلْفَرِيقَيْنِ كَٱلْأَعْمَىٰ وَٱلْأَصَمِّ وَٱلْبَصِيرِ وَٱلسَّمِيعِ هَلْ يَسْتَوِيَانِ مَثَلًا أَفَلَا تَذَكَّرُونَ ۞ 24

އެ ދެބައިމީހުންގެ މިޘާލު، ކަނުމީހާއާއި، ބީރުމީހާއާއި، ލޮލަށް ފެންނަމީހާއާއި، އިވޭމީހާ ފަދައެވެ. އެ ދެބައިމީހުން މިޘާލުގެ ގޮތުން ހަމަހަމަވެގެން ވޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ إِنِّى لَكُمْ نَذِيرٌ مُّبِينٌ ۞ 25

ހަމަކަށަވަރުން، ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (ވިދާޅުވެ އެންގެވުމަށެވެ.) ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބަޔާން ވެގެންހުރި އިންޛާރު ކުރާ މީހަކީމެވެ.

أَن لَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ ۞ 26

ﷲއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރާހުށިކަމެވެ! ހަމަކަށަވަރުން ވޭންދެނިވި ދުވަހެއްގެ ޢަޛާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.

فَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا نَرَىٰكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْىِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍۭ بَلْ نَظُنُّكُمْ كَٰذِبِينَ ۞ 27

ފަހެ، އެކަލޭގެފާނުގެ ޤައުމުގެމީހުންކުރެ، ކާފިރުވި ބޮޑުން ބުނެފޫއެވެ. ތިމަންމެންކަހަލަ އާދަމުގެދަރިޔަކު ކަމުގައި މެނުވީ ތިމަންމެން، ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް ތަބަޢަވި މީހުންނަކީ، ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެއުރެން ތަބަޢަ ވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއްތަ! ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަމުގައެވެ.

قَالَ يَٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى رَحْمَةً مِّنْ عِندِهِۦ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَٰرِهُونَ ۞ 28

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ ޙަޟްރަތުން އަހުރެންނަށް ރަޙްމަތެއް ދެއްވައިފިނަމަ، ދެން އެކަންތައް ތިޔަބައިމީހުންނަށް ވަންހަނާކުރެއްވިހިނދު، ތިޔަބައިމީހުން އެކަމަށް ނުރުހުންވެ ތިއްބައި، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެކަން ލާޒިމް ކުރެވިދާނެ ހެއްޔެވެ؟

وَيَٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ مَالًا إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓا۟ إِنَّهُم مُّلَٰقُوا۟ رَبِّهِمْ وَلَٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ ۞ 29

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، ﷲގެ ޙަޟްރަތުން ނޫނީ ނުވެއެވެ. އަދި އީމާން ވެއްޖެ މީސްތަކުން ފަހައި ބޭރުކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނީ، ޖާހިލު ބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.

وَيَٰقَوْمِ مَن يَنصُرُنِى مِنَ ٱللَّهِ إِن طَرَدتُّهُمْ أَفَلَا تَذَكَّرُونَ ۞ 30

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! އަހުރެން، އެއުރެން ފަހައި ބޭރުކޮށްފިނަމަ، ﷲގެ ޢަޛާބުން އަހުރެން ސަލާމަތްކޮށް ނަޞްރު ދޭނީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟

وَلَآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ إِنِّى مَلَكٌ وَلَآ أَقُولُ لِلَّذِينَ تَزْدَرِىٓ أَعْيُنُكُمْ لَن يُؤْتِيَهُمُ ٱللَّهُ خَيْرًا ٱللَّهُ أَعْلَمُ بِمَا فِىٓ أَنفُسِهِمْ إِنِّىٓ إِذًا لَّمِنَ ٱلظَّٰلِمِينَ ۞ 31

އަދި ﷲގެ ޚަޒާނާތައް ތިމަންކަލޭގެފާނުގެ އަރިހުގައި ވެއެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް ޣައިބެއްވެސް އެނގިވަޑައެއް ނުގަނެތެވެ. އަދި ތިމަންކަލޭގެފާނީ، މަލާއިކަތެކޭވެސް ވިދާޅެއް ނުވަމެވެ. އަދި ތިޔަބައިމީހުންގެ ލޯތަކުން، ނިކަމެތިކޮށްހިތާ މީހުންނާމެދު، އެއުރެންނަށް، އެއްވެސް ހެވެއް ﷲ ނުދެއްވާނެކަމަކަށްވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެއުރެންގެ ހިތްތަކުގައިވާ ކަންތައް، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ﷲއެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވިނަމަ) އެހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ.

قَالُوا۟ يَٰنُوحُ قَدْ جَٰدَلْتَنَا فَأَكْثَرْتَ جِدَٰلَنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۞ 32

އެއުރެން ދެންނެވޫއެވެ. އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމުއެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަކުރައްވައިފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ ވަޢުދު ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ!

قَالَ إِنَّمَا يَأْتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعْجِزِينَ ۞ 33

އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، ﷲއެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ.

وَلَا يَنفَعُكُمْ نُصْحِىٓ إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ ٱللَّهُ يُرِيدُ أَن يُغْوِيَكُمْ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ ۞ 34

ތިޔަބައިމީހުން މަގުފުރެއްދެވުމަށް ﷲ އިރާދަކުރައްވާ ކަމުގައިވީނަމަ، ތިޔަބައިމީހުންނަށް ނަޞޭޙަތް ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތަސް، ތިމަންކަލޭގެފާނުގެ ނަޞޭޙަތަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، އެކަލާނގެ ޙަޟްރަތަށެވެ.

أَمْ يَقُولُونَ ٱفْتَرَىٰهُ قُلْ إِنِ ٱفْتَرَيْتُهُۥ فَعَلَىَّ إِجْرَامِى وَأَنَا۠ بَرِىٓءٌ مِّمَّا تُجْرِمُونَ ۞ 35

ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ ޤުރްއާން ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެ ޤުރްއާން އަމިއްލަފުޅަށް ހެއްދެވިނަމަ، ފަހެ، އެކަމުގެ ކުށް އޮތީ ތިމަންކަލޭގެފާނުގެ މައްޗަށެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ ކަންތަކުގެ ކުށުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.

وَأُوحِىَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ ءَامَنَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَفْعَلُونَ ۞ 36

ނޫޙުގެފާނަށް ވަޙީ އިއްވެވިއެވެ. ކަލޭގެފާނުގެ ޤައުމުގެމީހުންގެ ތެރެއިން މިހާތަނަށް އީމާން ވެގެންތިބި މީހުން މެނުވީ، އީމާނެއް ނުވާނެތެވެ. ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ!

وَٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ إِنَّهُم مُّغْرَقُونَ ۞ 37

އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ ވަޙީއާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ ޙަޟްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، ޣަރަޤު ކުރައްވާނޭ ބަޔެކެވެ.

وَيَصْنَعُ ٱلْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِۦ سَخِرُوا۟ مِنْهُ قَالَ إِن تَسْخَرُوا۟ مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ ۞ 38

އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ. އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ.

فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ ۞ 39

ފަހެ، ނިކަމެތިކަން އެމީހަކަށް ދެނިވި ޢަޛާބު، އެމީހަކާ ހަމައަށް އަންނަނީ، އަދި ދެމިހުންނަނިވި ޢަޛާބު، އެމީހަކަށް ކުރިމަތިވެގެން އަންނަނީ، ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌ ۞ 40

ތިމަންރަސްކަލާނގެ އަމުރުފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ އަހުލުވެރިންނާއި، އީމާން ވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެނެއް ނުވެތެވެ.

وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ إِنَّ رَبِّى لَغَفُورٌ رَّحِيمٌ ۞ 41

އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، ﷲގެ އިސްމުފުޅުންނެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

وَهِىَ تَجْرِى بِهِمْ فِى مَوْجٍ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُۥ وَكَانَ فِى مَعْزِلٍ يَٰبُنَىَّ ٱرْكَب مَّعَنَا وَلَا تَكُن مَّعَ ٱلْكَٰفِرِينَ ۞ 42

އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި ކާފިރުންނާ އެކުގައި ނުވާށެވެ!

قَالَ سَـَٔاوِىٓ إِلَىٰ جَبَلٍ يَعْصِمُنِى مِنَ ٱلْمَآءِ قَالَ لَا عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلَّا مَن رَّحِمَ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ ۞ 43

އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ އަމުރުފުޅުން (އެބަހީ: ﷲގެ ޢަޛާބުން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ ރަޙްމަތް ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި ޣަރަޤު ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ.

وَقِيلَ يَٰٓأَرْضُ ٱبْلَعِى مَآءَكِ وَيَٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ وَقِيلَ بُعْدًا لِّلْقَوْمِ ٱلظَّٰلِمِينَ ۞ 44

އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި ޖޫދިއްޔު ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.

وَنَادَىٰ نُوحٌ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبْنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَٰكِمِينَ ۞ 45

ނޫޙުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް މުނާޖާ ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. މި އަޅާގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، މި އަޅާގެ ދަރި ވަނީ، މި އަޅާގެ އަހުލުވެރިންގެ ތެރެއިންނެވެ. އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ ވަޢުދުފުޅަކީ، ޙައްޤު ބަސްފުޅެވެ. އަދި އިބަރަސްކަލާނގެއީ، ޙުކުމް ކުރައްވާ، އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ.

قَالَ يَٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَ إِنَّهُۥ عَمَلٌ غَيْرُ صَٰلِحٍ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَٰهِلِينَ ۞ 46

އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ އަހުލުވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ ޢަމަލަކީ، ރަނގަޅުނޫން ޢަމަލެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަންރަސްކަލާނގެ ޙަޟްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނަޞޭޙަތްތެރިވެވޮޑިގެންވަމެވެ.

قَالَ رَبِّ إِنِّىٓ أَعُوذُ بِكَ أَنْ أَسْـَٔلَكَ مَا لَيْسَ لِى بِهِۦ عِلْمٌ وَإِلَّا تَغْفِرْ لِى وَتَرْحَمْنِىٓ أَكُن مِّنَ ٱلْخَٰسِرِينَ ۞ 47

އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބަރަސްކަލާނގެ ޙަޟްރަތަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބަރަސްކަލާނގެ ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި ރަޙްމަތް ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވެދާހުށްޓެވެ.

قِيلَ يَٰنُوحُ ٱهْبِطْ بِسَلَٰمٍ مِّنَّا وَبَرَكَٰتٍ عَلَيْكَ وَعَلَىٰٓ أُمَمٍ مِّمَّن مَّعَكَ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ ۞ 48

އެންގެވިއެވެ. އޭ ނޫޙުގެފާނެވެ! ތިމަންރަސްކަލާނގެ ޙަޟްރަތުން އަމާންކަމަކާއެކު، އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ އުއްމަތްތަކަށް ބަރަކާތާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ! އަދި އުއްމަތްތަކެއްވެއެވެ. ތިމަންރަސްކަލާނގެ އެ އުއްމަތްތަކަށް (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ތިމަންރަސްކަލާނގެ ޙަޟްރަތުން އެއުރެންނަށް ވޭންދެނިވި ޢަޛާބެއް އައިސްޖެހޭނެތެވެ.

تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَٰذَا فَٱصْبِرْ إِنَّ ٱلْعَٰقِبَةَ لِلْمُتَّقِينَ ۞ 49

އެއީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ކުރައްވާ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން ޚަބަރުތަކެކެވެ. ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ ޤައުމުގެމީހުންނަކަށްވެސް، މީގެކުރިޔަކުން އެ ޚަބަރުތައް އެނގިވަޑައިގެންފައެއް ނުވެތެވެ. ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ، ތަޤްވާވެރިންނަށެވެ.

وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنْ أَنتُمْ إِلَّا مُفْتَرُونَ ۞ 50

އަދި ތިމަންރަސްކަލާނގެ ޢާދު ބާގައިމީހުންގެ ގާތަށް، އެއުރެންގެ އަޚު ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެތެވެ.

يَٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِنْ أَجْرِىَ إِلَّا عَلَى ٱلَّذِى فَطَرَنِىٓ أَفَلَا تَعْقِلُونَ ۞ 51

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟

وَيَٰقَوْمِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا۟ مُجْرِمِينَ ۞ 52

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާ ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!

قَالُوا۟ يَٰهُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِىٓ ءَالِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ ۞ 53

އެއުރެން ދެންނެވޫއެވެ. އޭ ހޫދުގެފާނެވެ! ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. އަދި ކަލޭގެފާނަށް އީމާންވާ ބަޔަކު ކަމުގައި، ތިމަންމެން ނުވާހުށީމެވެ.

إِن نَّقُولُ إِلَّا ٱعْتَرَىٰكَ بَعْضُ ءَالِهَتِنَا بِسُوٓءٍ قَالَ إِنِّىٓ أُشْهِدُ ٱللَّهَ وَٱشْهَدُوٓا۟ أَنِّى بَرِىٓءٌ مِّمَّا تُشْرِكُونَ ۞ 54

ތިމަންމެންގެ ބައެއް އިލާހުން ކަލޭގެފާނަށް ނުބައި ކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ޝަރީކު ކޮށް އުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް ﷲ ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ!

مِن دُونِهِۦ فَكِيدُونِى جَمِيعًا ثُمَّ لَا تُنظِرُونِ ۞ 55

އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުންނެވެ. (އެބަހީ: އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ.) ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކު ދިނުމަށް) ރޭވުންތައް ރާވާށެވެ! ދެން ތިމަންކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ.

إِنِّى تَوَكَّلْتُ عَلَى ٱللَّهِ رَبِّى وَرَبِّكُم مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذٌۢ بِنَاصِيَتِهَآ إِنَّ رَبِّى عَلَىٰ صِرَٰطٍ مُّسْتَقِيمٍ ۞ 56

ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ﷲއަށް ތިމަންކަލޭގެފާނު ވަކީލު ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ނާޞިޔަތުގައި، އެކަލާނގެ ހިއްޕަވާ ޙާލުގައިވާ ކަމުގައި މެނުވީ ނުވެތެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ނާޞިޔަތަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ނާޞިޔަތުގައި ހިއްޕެވުމުގެ މުރާދަކީ، ހުރިހައި ބާރެއް އެކަލާނގެއަށް މިލްކު ވެގެންވުމެވެ.)

فَإِن تَوَلَّوْا۟ فَقَدْ أَبْلَغْتُكُم مَّآ أُرْسِلْتُ بِهِۦٓ إِلَيْكُمْ وَيَسْتَخْلِفُ رَبِّى قَوْمًا غَيْرَكُمْ وَلَا تَضُرُّونَهُۥ شَيْـًٔا إِنَّ رَبِّى عَلَىٰ كُلِّ شَىْءٍ حَفِيظٌ ۞ 57

ފަހެ، ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ (ދަންނާށެވެ!) ތިޔަބައިމީހުންގެ ގާތަށް، އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަކަށް ގެއްލުމެއް ނުދެވޭހުށްޓެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ.

وَلَمَّا جَآءَ أَمْرُنَا نَجَّيْنَا هُودًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَنَجَّيْنَٰهُم مِّنْ عَذَابٍ غَلِيظٍ ۞ 58

އަދި ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައިހިނދު، ތިމަންރަސްކަލާނގެ ހޫދުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ ޙަޟްރަތުން އައި ރަޙްމަތަކާއެކު ސަލާމަތްކުރެއްވީމެވެ. އަދި ގަދަފަދަވެގެންވާ ޢަޛާބުން ތިމަންރަސްކަލާނގެ އެއުރެން ސަލާމަތް ކުރެއްވީމެވެ.

وَتِلْكَ عَادٌ جَحَدُوا۟ بِـَٔايَٰتِ رَبِّهِمْ وَعَصَوْا۟ رُسُلَهُۥ وَٱتَّبَعُوٓا۟ أَمْرَ كُلِّ جَبَّارٍ عَنِيدٍ ۞ 59

އެއީ ޢާދު ބާގައިމީހުންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކަށް އެއުރެން ދެކޮޅުހެދޫއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެއުރެން އުރެދުނޫއެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރު (އަނިޔާވެރި) އެއްގެ އަމުރަށް، އެއުރެން ތަބަޢަ ވޫއެވެ.

وَأُتْبِعُوا۟ فِى هَٰذِهِ ٱلدُّنْيَا لَعْنَةً وَيَوْمَ ٱلْقِيَٰمَةِ أَلَآ إِنَّ عَادًا كَفَرُوا۟ رَبَّهُمْ أَلَا بُعْدًا لِّعَادٍ قَوْمِ هُودٍ ۞ 60

މި ދުނިޔޭގައިވެސް، އަދި ޤިޔާމަތް ދުވަހުންވެސް، އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޢާދު ބާގައިމީހުން، އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރު ވޫއެވެ. ދަންނާށެވެ! ޢާދު ބާގައިމީހުންނަށް ހަލާކާއި، ގެއްލުން ހުށްޓެވެ. (އެއީ) ހޫދުގެފާނުގެ ޤައުމުގެމީހުންނެވެ.

وَإِلَىٰ ثَمُودَ أَخَاهُمْ صَٰلِحًا قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ هُوَ أَنشَأَكُم مِّنَ ٱلْأَرْضِ وَٱسْتَعْمَرَكُمْ فِيهَا فَٱسْتَغْفِرُوهُ ثُمَّ تُوبُوٓا۟ إِلَيْهِ إِنَّ رَبِّى قَرِيبٌ مُّجِيبٌ ۞ 61

އަދި ތިމަންރަސްކަލާނގެ ޘަމޫދު ބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚު ޞާލިހުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ﷲއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި ޢިމާރާތް ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް ތައުބާ ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (ދުޢާ) އިޖާބަކުރައްވާ ރަސްކަލާނގެއެވެ.

قَالُوا۟ يَٰصَٰلِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَٰذَآ أَتَنْهَىٰنَآ أَن نَّعْبُدَ مَا يَعْبُدُ ءَابَآؤُنَا وَإِنَّنَا لَفِى شَكٍّ مِّمَّا تَدْعُونَآ إِلَيْهِ مُرِيبٍ ۞ 62

އެއުރެން ދެންނެވޫއެވެ. އޭ ޞާލިޙުގެފާނެވެ! ހަމަކަށަވަރުން، މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމުއެވެ. (އެހެންކަމާއެކުވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން، ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު، ތިމަންމެން މިތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ.

قَالَ يَٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى مِنْهُ رَحْمَةً فَمَن يَنصُرُنِى مِنَ ٱللَّهِ إِنْ عَصَيْتُهُۥ فَمَا تَزِيدُونَنِى غَيْرَ تَخْسِيرٍ ۞ 63

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި، އަހުރެންވީނަމަ، އަދި އެކަލާނގެ ޙަޟްރަތުން އަހުރެންނަށް ރަޙްމަތެއް (އެބަހީ: ނަބީކަމާއި ރަސޫލު ކަން) އެކަލާނގެ ދެއްވިހިނދު، އެކަލާނގެއަށް އަހުރެން އުރެދިއްޖެނަމަ، ﷲގެ ޙަޟްރަތުން އަހުރެންނަށް ނަޞްރު ދޭނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ގެއްލުންދިނުން ނޫން އެހެންކަމެއް، ތިޔަބައިމީހުން އަހުރެންނަކަށް އިތުރެއް ނުކުރަމުއެވެ.

وَيَٰقَوْمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ ۞ 64

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! މިއޮތީ ތިޔަބައިމީހުންނަށް ހެތްކެއްގެ ގޮތުގައި އޮތް ﷲގެ ޖަމަލެވެ. ފަހެ، ﷲގެ ބިމުގައި، އެ ޖަމަލު ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެކަންކޮށްފިނަމަ) ގާތްވެގެންވާ ޢަޛާބެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ.

فَعَقَرُوهَا فَقَالَ تَمَتَّعُوا۟ فِى دَارِكُمْ ثَلَٰثَةَ أَيَّامٍ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍ ۞ 65

ނަމަވެސް، އެއުރެން އެ ޖަމަލު މަރައިލީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ! އެއީ ދޮގުނުކުރެވޭނެ ވަޢުދެކެވެ.

فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَٰلِحًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ ۞ 66

ދެންފަހެ، ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައިހިނދު، ޞާލިޙުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވި މީހުން، ތިމަންރަސްކަލާނގެ ޙަޟްރަތުންލެއްވި ރަޙްމަތާއެކު، އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ގަދަފަދަވަންތަ ރަސްކަލާނގެއެވެ.

وَأَخَذَ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَٰرِهِمْ جَٰثِمِينَ ۞ 67

އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތިގެދޮރުގައި، އެއުރެން ތިބީ، ކަކޫ މައްޗަށް ތިރިވެ، މަރުވެފައެވެ.

كَأَن لَّمْ يَغْنَوْا۟ فِيهَآ أَلَآ إِنَّ ثَمُودَا۟ كَفَرُوا۟ رَبَّهُمْ أَلَا بُعْدًا لِّثَمُودَ ۞ 68

އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޘަމޫދު ބާގައިމީހުން، އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރު ވޫއެވެ. ދަންނާށެވެ! ޘަމޫދު ބާގައިމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.

وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَٰمًا قَالَ سَلَٰمٌ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ ۞ 69

އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވޫއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ.

فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍ ۞ 70

ފަހެ، އެބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާ ހަމަޔަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާމެދު އިންކާރު ކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ފޮނުއްވީ، ލޫޠުގެފާނުގެ ޤައުމަށެވެ.

وَٱمْرَأَتُهُۥ قَآئِمَةٌ فَضَحِكَتْ فَبَشَّرْنَٰهَا بِإِسْحَٰقَ وَمِن وَرَآءِ إِسْحَٰقَ يَعْقُوبَ ۞ 71

އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމާއި، އިސްޙާޤުގެފާނުގެ ފަހަތްޕުޅުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ.

قَالَتْ يَٰوَيْلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٌ وَهَٰذَا بَعْلِى شَيْخًا إِنَّ هَٰذَا لَشَىْءٌ عَجِيبٌ ۞ 72

އެކަމަނާ ވިދާޅުވިއެވެ. އޭހުރި ޢަޖާއިބެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ ޢަޖާއިބު ވެގެންވާ ކަމެކެވެ.

قَالُوٓا۟ أَتَعْجَبِينَ مِنْ أَمْرِ ٱللَّهِ رَحْمَتُ ٱللَّهِ وَبَرَكَٰتُهُۥ عَلَيْكُمْ أَهْلَ ٱلْبَيْتِ إِنَّهُۥ حَمِيدٌ مَّجِيدٌ ۞ 73

އެބޭކަލުން ދެންނެވޫއެވެ. ﷲގެ އަމުރުފުޅާމެދު، ކަމަނާ ޢަޖާއިބުވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް ﷲގެ ރަޙްމަތާއި، އެކަލާނގެ ބަރަކާތް ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ ޙަމްދު ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ.

فَلَمَّا ذَهَبَ عَنْ إِبْرَٰهِيمَ ٱلرَّوْعُ وَجَآءَتْهُ ٱلْبُشْرَىٰ يُجَٰدِلُنَا فِى قَوْمِ لُوطٍ ۞ 74

ފަހެ، އިބްރާހީމުގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި ޚަބަރު އައިހިނދު، ލޫޠުގެފާނުގެ ޤައުމުގެމީހުންނާމެދު، އެކަލޭގެފާނު ތިމަންރަސްކަލާނގެ ޙަޟްރަތަށް ސުއާލު ދަންނަވަން ފެށްޓެވިއެވެ.

إِنَّ إِبْرَٰهِيمَ لَحَلِيمٌ أَوَّٰهٌ مُّنِيبٌ ۞ 75

ހަމަކަށަވަރުން، އިބްރާހީމުގެފާނީ، ކޯފާ މަޑު، ދުޢާ ކުރެއްވުންގިނަ، ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ތައުބާ ވެވަޑައިގަންނަވާ ބޭކަލެކެވެ.

يَٰٓإِبْرَٰهِيمُ أَعْرِضْ عَنْ هَٰذَآ إِنَّهُۥ قَدْ جَآءَ أَمْرُ رَبِّكَ وَإِنَّهُمْ ءَاتِيهِمْ عَذَابٌ غَيْرُ مَرْدُودٍ ۞ 76

އޭ އިބްރާހީމުގެފާނެވެ! ތިޔަކަންތައް (އެބަހީ: ލޫޠުގެފާނުގެ ޤައުމުގެމީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން، އަނބުރާ ރައްދުނުކުރައްވާނޭ ޢަޛާބެއް، އެއުރެންގެ ގާތަށް އަންނާނެތެވެ.

وَلَمَّا جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ ۞ 77

އަދި ތިމަންރަސްކަލާނގެ ރަސޫލުން (އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (ޤައުމުގެމީހުންގެ ފާސިދުކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ.

وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ قَالَ يَٰقَوْمِ هَٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ ۞ 78

އަދި އެކަލޭގެފާނުގެ ޤައުމުގެމީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައޫއެވެ. ކުރިން އެއުރެންނަކީ، ނުބައި (ފާޙިޝް) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: ޤައުމުގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުޢީ ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟

قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ ۞ 79

އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް ޙައްޤެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ.

قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍ شَدِيدٍ ۞ 80

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ!

قَالُوا۟ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا ٱمْرَأَتَكَ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمْ إِنَّ مَوْعِدَهُمُ ٱلصُّبْحُ أَلَيْسَ ٱلصُّبْحُ بِقَرِيبٍ ۞ 81

އެބޭކަލުން ދެންނެވޫއެވެ. އޭ ލޫޠުގެފާނެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެއުރެންނަކަށް ވާޞިލެއް ނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެއުރެންނަށް (އެބަހީ: އެ ކާފިރުންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެތެވެ. ހަމަކަށަވަރުން، އެއުރެންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟

فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ۞ 82

ދެން ފަހެ، ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ.

مُّسَوَّمَةً عِندَ رَبِّكَ وَمَا هِىَ مِنَ ٱلظَّٰلِمِينَ بِبَعِيدٍ ۞ 83

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ.

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ وَلَا تَنقُصُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ إِنِّىٓ أَرَىٰكُم بِخَيْرٍ وَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ ۞ 84

އަދި މަދިޔަނުގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ، އެއުރެންގެ އަޚު، ޝުޢައިބުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި މިނުމުގައްޔާއި، ކިރުމުގައި، ތިޔަބައިމީހުން އުނިނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (ފުދި) ހެޔޮޙާލުގައި ކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ ޢަޛާބަށް، ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.

وَيَٰقَوْمِ أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ۞ 85

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން މިނުމާއި، ކިރުން، ޢަދުލަށް ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާހުށިކަމެވެ!

بَقِيَّتُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ ۞ 86

ﷲ، ތިޔަބައިމީހުންނަށްޓަކައި، ދޫކުރައްވާފައިވާ އެއްޗެއް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައިވާނަމައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިއަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.

قَالُوا۟ يَٰشُعَيْبُ أَصَلَوٰتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَآؤُنَآ أَوْ أَن نَّفْعَلَ فِىٓ أَمْوَٰلِنَا مَا نَشَٰٓؤُا۟ إِنَّكَ لَأَنتَ ٱلْحَلِيمُ ٱلرَّشِيدُ ۞ 87

އެއުރެން ދެންނެވޫއެވެ. އޭ ޝުޢައިބުގެފާނެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް އަމުރު ކުރަނީތޯއެވެ! ހަމަކަށަވަރުން، ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ. (ނޯޓު: އެއުރެން މިގޮތަށް ދެންނެވީ، މަލާމާތެއްގެ ގޮތުގައިކަމަށް މުފައްސިރުން ލިޔުއްވާފައިވެއެވެ.)

قَالَ يَٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقًا حَسَنًا وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَىٰكُمْ عَنْهُ إِنْ أُرِيدُ إِلَّا ٱلْإِصْلَٰحَ مَا ٱسْتَطَعْتُ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ۞ 88

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ ޙަޟްރަތުން ހެޔޮވެގެންވާ ރިޒްޤު ދެއްވި ހިނދު (އެކަމަށް ފުރަގަސްދެވޭނެހެއްޔެވެ؟) އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެތެވެ. އަހުރެންނަށް ކުޅަދާނަވީވަރަކަށް، އިޞްލާޙު ކުރުން މެނުވީ، އަހުރެން ބޭނުމެއް ނުވެތެވެ. އަދި ﷲގެ ޙަޟްރަތުން މެނުވީ، އަހުރެންނަށް ތައުފީޤު ލިބުމެއްނުވެތެވެ. އަހުރެން ވަކީލު ކުރަނީ، އެކަލާނގެއަށެވެ. އަދި ތައުބާ ވަނީވެސް، އެކަލާނގެ ޙަޟްރަތަށެވެ.

وَيَٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِىٓ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَٰلِحٍ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ ۞ 89

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! އަހުރެންނާ ދެކޮޅުވެރިވުން އެއީ، ތިޔަބައިމީހުންނަށް މުޞީބަތް ޖެހޭކަމަކަށް ނުހަދާހުށިކަމެވެ! (އެއީ) ނޫޙުގެފާނުގެ ޤައުމުގެމީހުންނަށް، ނުވަތަ ހޫދުގެފާނުގެ ޤައުމުގެމީހުންނަށް، ނުވަތަ ޞާލިޙުގެފާނުގެ ޤައުމުގެމީހުންނަށް ޖެހުނުފަދަ މުޞީބަތެކެވެ. ލޫޠުގެފާނުގެ ޤައުމުގެމީހުން (ހަލާކުވެދިޔަ ދުވަސް) ތިޔަބައިމީހުންނާ ދުރެއްގައެއް ނުވެއެވެ.

وَٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ إِنَّ رَبِّى رَحِيمٌ وَدُودٌ ۞ 90

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ފާފަފުއްސެވުންއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ދެން ތިޔަބައިމީހުން އެކަލާނގެއަށް ތައުބާ ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ރަޙީމްވަންތަ ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.

قَالُوا۟ يَٰشُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًا وَلَوْلَا رَهْطُكَ لَرَجَمْنَٰكَ وَمَآ أَنتَ عَلَيْنَا بِعَزِيزٍ ۞ 91

އެއުރެން ދެންނެވޫއެވެ. އޭ ޝުޢައިބުގެފާނެވެ! ކަލޭގެފާނު ވިދާޅުވާ އެއްޗެހީގެ ތެރެއިން ގިނައެއްޗެހި، ތިމަންމެންނަކަށް ނުވިސްނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ދެކެނީ، ކަލޭގެފާނަކީ ތިމަންމެންގެ ތެރޭގައިވާ ނިކަމެއްޗެއް ކަމަށެވެ. އަދި ކަލޭގެފާނުގެ ގާތްތިމާގެ މީސްކޮޅު ނުވާނަމަ، ތިމަންމެން ހަމަކަށަވަރުންވެސް، ކަލޭގެފާނު ރަޖަމްކުޅައީމުހެވެ. އަދި ކަލޭގެފާނަކީ، ތިމަންމެންގެ މައްޗަށް ހުންނެވި ޢިއްޒަތްތެރިޔަކީމުއެއް ނޫނެވެ.

قَالَ يَٰقَوْمِ أَرَهْطِىٓ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيًّا إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌ ۞ 92

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ﷲއަށްވުރެވެސް ބޮޑަށް، ތިޔަބައިމީހުންގެ މައްޗަށް ޢިއްޒަތްތެރިވެގެންވަނީ އަހުރެންގެ ގާތްތިމާގެ މީސްކޮޅު ހެއްޔެވެ؟ އަދި އެކަލާނގެއީ، ތިޔަބައިމީހުންގެ ފުރަގަހަށް ދޫކޮށްފައިވާ ފަރާތެއްކަމުގައި ތިޔަބައިމީހުން ހަދައިފީމުއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَيَٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَٰمِلٌ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَٰذِبٌ وَٱرْتَقِبُوٓا۟ إِنِّى مَعَكُمْ رَقِيبٌ ۞ 93

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން ޢަމަލު ކޮށްބަލާށެވެ! ހަމަކަށަވަރުން، އަހުރެންވެސް (އަހުރެންގެ ގޮތުގައި) ޢަމަލު ކުރާހުށީމެވެ. އެމީހަކު ނިކަމެތި ކުރަނިވި ޢަޛާބެއް، އެމީހަކާ ހަމަޔަށް އަންނަ މީހަކީ، ކާކުކަމާއި، ދޮގުހަދާ މީހަކީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. އަދި ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންވެސް ތިޔަބައިމީހުންނާއެކު ބަލަބަލާ އެބަހުރީމެވެ.

وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَٰرِهِمْ جَٰثِمِينَ ۞ 94

އަދި ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައިހިނދު، ޝުޢައިބުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ ރަޙްމަތްފުޅުން ސަލާމަތްކުރެއްވީމެވެ. އަދި (ބިރުވެރި) އަޑުއައިސް، އަނިޔާވެރިވީ މީހުން ހަލާކު ކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތި ގެދޮރުގައި އެއުރެންތިބީ، ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ.

كَأَن لَّمْ يَغْنَوْا۟ فِيهَآ أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ ۞ 95

އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! ޘަމޫދު ބާގައި މީހުންވެސް ހަލާކުވެ ނެތިދިޔަފަދައިން، މަދިޔަނުގެމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.

وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَا وَسُلْطَٰنٍ مُّبِينٍ ۞ 96

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކާއި، ބަޔާންވެގެންވާ ޙުއްޖަތަކާއެކު، މޫސާގެފާނު ފޮނުއްވީމެވެ.

إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱتَّبَعُوٓا۟ أَمْرَ فِرْعَوْنَ وَمَآ أَمْرُ فِرْعَوْنَ بِرَشِيدٍ ۞ 97

ފިރްޢައުނާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން ފިރްޢައުނުގެ އަމުރަށް ތަބަޢަ ވޫއެވެ. ފިރްޢައުނުގެ އަމުރު ހެޔޮލަފާ އަމުރެއްކަމުގައި ނުވެތެވެ.

يَقْدُمُ قَوْمَهُۥ يَوْمَ ٱلْقِيَٰمَةِ فَأَوْرَدَهُمُ ٱلنَّارَ وَبِئْسَ ٱلْوِرْدُ ٱلْمَوْرُودُ ۞ 98

ޤިޔާމަތް ދުވަހުން، އޭނާގެ ޤައުމުގެމީހުންގެ ކުރީގައިހުރެ، އެއުރެން ނަރަކައަށް ގެންގޮސް ވައްދާނެތެވެ. (އެއުރެންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ!

وَأُتْبِعُوا۟ فِى هَٰذِهِۦ لَعْنَةً وَيَوْمَ ٱلْقِيَٰمَةِ بِئْسَ ٱلرِّفْدُ ٱلْمَرْفُودُ ۞ 99

މި ދުނިޔެމަތީގައި އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. އަދި ޤިޔާމަތް ދުވަހުންވެސް މެއެވެ. (އެއުރެންނަށް) ދެއްވާނެ އެއްޗެއްގެ ހުރި ނުބައިކަމާއެވެ!

ذَٰلِكَ مِنْ أَنۢبَآءِ ٱلْقُرَىٰ نَقُصُّهُۥ عَلَيْكَ مِنْهَا قَآئِمٌ وَحَصِيدٌ ۞ 100

އެއީ ރަށްތަކުގެ ޚަބަރުތަކުގެ ތެރެއިން ބަޔެކެވެ. ތިމަންރަސްކަލާނގެ އެ ޚަބަރުތައް ކަލޭގެފާނަށް ކިޔައިދެއްވަމެވެ. ޤާއިމް ވެހުރި ރަށްތަކާއި، ނެތި ހަލާކުވެގެންދިޔަ ރަށްތައް އޭގެތެރެއިންވެއެވެ.

وَمَا ظَلَمْنَٰهُمْ وَلَٰكِن ظَلَمُوٓا۟ أَنفُسَهُمْ فَمَآ أَغْنَتْ عَنْهُمْ ءَالِهَتُهُمُ ٱلَّتِى يَدْعُونَ مِن دُونِ ٱللَّهِ مِن شَىْءٍ لَّمَّا جَآءَ أَمْرُ رَبِّكَ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ ۞ 101

އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ ނަފްސުތަކަށް، އެއުރެން އަނިޔާވެރިވޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އައިހިނދު، ﷲ ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅުނު އެއުރެންގެ އިލާހުންތައް، އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެތެވެ. އެ އިލާހުން، އެއުރެންނަށް ގެއްލުންދިނުން މެނުވީ އިތުރެއް ނުކުރެތެވެ.

وَكَذَٰلِكَ أَخْذُ رَبِّكَ إِذَآ أَخَذَ ٱلْقُرَىٰ وَهِىَ ظَٰلِمَةٌ إِنَّ أَخْذَهُۥٓ أَلِيمٌ شَدِيدٌ ۞ 102

ރަށްތައް (އެބަހީ: ރަށްތަކުގެ އަހުލުވެރިން) އަނިޔާވެރިވެގެންވާ ޙާލު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ.

إِنَّ فِى ذَٰلِكَ لَـَٔايَةً لِّمَنْ خَافَ عَذَابَ ٱلْـَٔاخِرَةِ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ ٱلنَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ۞ 103

ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބަށް ބިރުވެތިވެއްޖެ މީހާއަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އެއީ އެދުވަހަށްޓަކައި މީސްތަކުން އެއްކުރައްވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ.

وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٍ مَّعْدُودٍ ۞ 104

އަދި ޢަދަދު ކުރައްވާފައިވާ މުއްދަތަކަށް މެނުވީ، ތިމަންރަސްކަލާނގެ އެދުވަސް ފަހެއް ނުކުރައްވަމެވެ.

يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِۦ فَمِنْهُمْ شَقِىٌّ وَسَعِيدٌ ۞ 105

އެދުވަސް އައުމުން، އެކަލާނގެ އިޛުނަފުޅާއެކުގައި މެނުވީ، އެއްވެސް ނަފްސަކަށް ބަހެއްވެސް ނުބުނެވޭނެތެވެ. ފަހެ، އަބާއްޖަވެރިންނާއި، ބާއްޖަވެރިން އެއުރެންގެ ތެރެއިންވެއެވެ.

فَأَمَّا ٱلَّذِينَ شَقُوا۟ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ۞ 106

ފަހެ، އަބާއްޖަވެރިވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ވާހުށީ، ނަރަކައިގައެވެ. އެއުރެން ބޭރަށްލާ ނޭވާގެ ގަދަ އަޑާއި، އެތެރެއަށްލާ ނޭވާގެ އަޑު އެތާނގައި ހުންނާނެތެވެ.

خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ۞ 107

އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.

وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ عَطَآءً غَيْرَ مَجْذُوذٍ ۞ 108

އަދި ބާއްޖަވެރިވި މީހުން ދަންނާށެވެ! އެއުރެންވާހުށީ ސުވަރުގޭގައެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި އުޑުތަކާއި ބިން ދެމިއޮތްހާ ހިނދެއްގައެވެ. ކެނޑިގެންނުދާ ދެއްވުމެއްގެ ގޮތުގައެވެ.

فَلَا تَكُ فِى مِرْيَةٍ مِّمَّا يَعْبُدُ هَٰٓؤُلَآءِ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ ءَابَآؤُهُم مِّن قَبْلُ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍ ۞ 109

ފަހެ، މިބައިމީހުން އަޅުކަންކުރާ ފަރާތްތަކާ ބެހޭގޮތުން، ޝައްކުކަމެއްގައި ކަލޭގެފާނު ނުހުންނަވާށެވެ! ކުރިންވެސް އެއުރެންގެ ކާބަފައިން އަޅުކަންކުރާ ފަދައަކުން މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި ހަމަކަށަވަރުން، އުނިވުމެއްނެތި އެއުރެންގެ (ޢަޛާބުގެ) ބައި، އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހަމަޔަށް ދެއްވާހުށީމެވެ.

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ فَٱخْتُلِفَ فِيهِ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ ۞ 110

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު ޚިލާފު ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ.

وَإِنَّ كُلًّا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَٰلَهُمْ إِنَّهُۥ بِمَا يَعْمَلُونَ خَبِيرٌ ۞ 111

ހަމަކަށަވަރުން، ކޮންމެ ބަޔަކަށްވެސް އެބަޔެއްގެ ޢަމަލުތަކަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަމަޔަށް ޖަޒާދެއްވާނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا۟ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ ۞ 112

ފަހެ، ކަލޭގެފާނަށް އަމުރު ކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި އީމާންވެ، ތައުބާ ވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

وَلَا تَرْكَنُوٓا۟ إِلَى ٱلَّذِينَ ظَلَمُوا۟ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ثُمَّ لَا تُنصَرُونَ ۞ 113

އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ! ފަހެ، (އެ ހިނދުން) ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ. އަދި ﷲ ފިޔަވައި، ތިޔަބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނެތެވެ. ދެން ތިޔަބައިމީހުންނަކަށް ނަޞްރެއްވެސް ނުލިބޭނެތެވެ.

وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ إِنَّ ٱلْحَسَنَٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ ۞ 114

އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް ވަޢުޡާއި ނަޞޭޙަތެކެވެ.

وَٱصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ ۞ 115

އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، އިޙްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ.

فَلَوْلَا كَانَ مِنَ ٱلْقُرُونِ مِن قَبْلِكُمْ أُو۟لُوا۟ بَقِيَّةٍ يَنْهَوْنَ عَنِ ٱلْفَسَادِ فِى ٱلْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْ وَٱتَّبَعَ ٱلَّذِينَ ظَلَمُوا۟ مَآ أُتْرِفُوا۟ فِيهِ وَكَانُوا۟ مُجْرِمِينَ ۞ 116

ފަހެ، އުއްމަތްތަކުގެ ތެރެއިން (ދީންވެރިކަމާއި ހެޔޮވިސްނުމުގެ ތެރެއިން) ބާކީއޮތް މިންވަރެއްގެ ވެރިބަޔަކު، ބިމުގައި ފަސާދަ ކޮށް އުޅުން ނަހީކޮށް ތިޔަބައިމީހުންގެ ކުރިން އުޅުނުނަމަ ކިހާ ރަނގަޅުހެއްޔެވެ! އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވި މީހުންގެ ތެރެއިން މަދުބަޔަކުވިއެވެ. އަދި އަނިޔާވެރިވި މީހުން، އެއުރެންނަށް ލިބުނު ތަނަވަސްކަމަށް ތަބަޢަ ވޫއެވެ. (އެބަހީ: އެކަމުގެ ތެރެއަށް ގެނބި، އާޚިރަތް ހަނދާންނެތި ކޮށްލޫއެވެ.) އަދި ކުށްވެރިން ކަމުގައި އެއުރެން ވޫއެވެ.

وَمَا كَانَ رَبُّكَ لِيُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ ۞ 117

ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކު ކަމުގައިވަނިކޮށް، އަނިޔާވެރިގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ.

وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةً وَٰحِدَةً وَلَا يَزَالُونَ مُخْتَلِفِينَ ۞ 118

ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް އުއްމަތެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް ޚިލާފު ވުމުގައި އެއުރެން ފިލައިނުދެތެވެ.

إِلَّا مَن رَّحِمَ رَبُّكَ وَلِذَٰلِكَ خَلَقَهُمْ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ ۞ 119

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް ލެއްވި ބަޔަކު މެނުވީއެވެ. އެކަލާނގެ އެއުރެން ހެއްދެވީ އެކަމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ފުރިހަމަވެފައިވެއެވެ. (އެ ބަސްފުޅަކީ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މީސްތަކުންނާއި، ޖިންނީންނާއި، ދެ ބާވަތުން ނަރަކަ ފުރުއްވާހުށީމެވެ.

وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَ وَجَآءَكَ فِى هَٰذِهِ ٱلْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ ۞ 120

އަދި ރަސޫލުންގެ ޚަބަރުތަކުގެ ތެރެއިން މިއެންމެހާ ޚަބަރުތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި ޚަބަރުތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، ޙައްޤު ތެދުބަސްފުޅެވެ. އަދި މުއުމިނުތަކުންނަށް ވަޢުޡަކާއި، ހަނދާންކޮށްދިނުމެކެވެ.

وَقُل لِّلَّذِينَ لَا يُؤْمِنُونَ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنَّا عَٰمِلُونَ ۞ 121

އީމާން ނުވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން ޢަމަލު ކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) ޢަމަލު ކުރާނޫއެވެ.

وَٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ ۞ 122

އަދި ތިޔަބައިމީހުން އިންތިޒާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް، އިންތިޒާރު ކުރާނޫއެވެ.

وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ ۞ 123

އަދި އުޑުތަކާއި، ބިމުގެ ޣައިބު މިލްކު ވެގެންވަނީ، ﷲއަށެވެ. އަދި އެންމެހާ ކަންތައް ރުޖޫޢަ ކުރައްވާހުށީ، އެކަލާނގެ ޙަޟްރަތަށެވެ. ފަހެ، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ! އަދި އެކަލާނގެއަށް ވަކީލު ކުރައްވާށެވެ! ތިޔަބައިމީހުންކުރާ ޢަމަލުތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޣާފިލުވެ ވޮޑިގެނެއް ނުވެތެވެ.