بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ حمٓ ۞ 1
ح م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
59 Ayahs · Uthmani Arabic
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ حمٓ ۞ 1
ح م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
وَٱلْكِتَٰبِ ٱلْمُبِينِ ۞ 2
ބަޔާން ވެގެންވާ ފޮތް ގަންދެއްވައި ވަޙީ ކުރައްވަމެވެ.
إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ إِنَّا كُنَّا مُنذِرِينَ ۞ 3
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: ޤުރްއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، އިންޛާރު ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ۞ 4
އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.
أَمْرًا مِّنْ عِندِنَآ إِنَّا كُنَّا مُرْسِلِينَ ۞ 5
(އެއީ) ތިމަންރަސްކަލާނގެ ޙަޟްރަތުން އައި އަމުރެއް ކަމުގައެވެ. ހަމަކަށަވަރުން، ރަސޫލުން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
رَحْمَةً مِّن رَّبِّكَ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ۞ 6
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފޮނުއްވާ ރަޙްމަތެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
رَبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ إِن كُنتُم مُّوقِنِينَ ۞ 7
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން ޔަޤީން ކުރާ ބަޔަކު ކަމުގައިވާނަމައެވެ.
لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ۞ 8
އެކަލާނގެ މެނުވީ އެހެން އިލާހަކުނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެކަލާނގެއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.
بَلْ هُمْ فِى شَكٍّ يَلْعَبُونَ ۞ 9
އަދި ކިއެއްތަ! އެއުރެން ޝައްކުކަމެއްގައި ކުޅެކުޅެ ތިބެތެވެ.
فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ ۞ 10
ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރު ކުރާށެވެ!
يَغْشَى ٱلنَّاسَ هَٰذَا عَذَابٌ أَلِيمٌ ۞ 11
އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި ޢަޛާބެކެވެ.
رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ ۞ 12
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން ޢަޛާބު ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން އީމާން ވާހުށީމުއެވެ.
أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ ۞ 13
އެއުރެން ނަޞޭޙަތް ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއުރެންގެ ގާތަށް ބަޔާންވެގެންވާ ރަސޫލަކު ވަނީ ވަޑައިގެންފައެވެ.
ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ ۞ 14
ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދިނޫއެވެ. އަދި އެއުރެން ބުނޫއެވެ. އެކަލޭގެފާނީ، އުނގަންނައިދެވިފައިވާ މޮޔައެކެވެ.
إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا إِنَّكُمْ عَآئِدُونَ ۞ 15
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޑަހިނދުކޮޅަކަށް ޢަޛާބު ފިއްލަވާހުށީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ، (ކާފިރުކަމަށް) އެނބުރި އަންނާނޭ ބަޔެކެވެ.
يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ ۞ 16
ބޮޑުވެގެންވާ، ގަދަފަދަ ހިއްޕެވުމަކުން ތިމަންރަސްކަލާނގެ ހިއްޕަވާ ދުވަސް ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއުރެންގެ ކިބައިން އެދުވަހުން) ބަދަލުހިއްޕަވާހުށީމެވެ.
وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ ۞ 17
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން ފިރްޢައުނުގެ ޤައުމުގެމީހުން އިމްތިޙާނު ކުރެއްވީމެވެ. އަދި އެއުރެންގެގާތަށް މާތްވެގެންވާ ރަސޫލަކު ވަޑައިގަތެވެ.
أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ إِنِّى لَكُمْ رَسُولٌ أَمِينٌ ۞ 18
(ވިދާޅުވަމުންނެވެ.) އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަ ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި ރަސޫލަކީމެވެ.
وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ إِنِّىٓ ءَاتِيكُم بِسُلْطَٰنٍ مُّبِينٍ ۞ 19
އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ﷲގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ ދަލީލެއް ގެންނަވާހުށީމެވެ.
وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ ۞ 20
ތިޔަބައިމީހުން ތިމަންކަލޭގެފާނު ރަޖަމް ކުރުމުން ސަލާމަތްކުރެއްވުންއެދި ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ ޙަޟްރަތުން، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ.
وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ ۞ 21
އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އީމާން ނުވިނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ!
فَدَعَا رَبَّهُۥٓ أَنَّ هَٰٓؤُلَآءِ قَوْمٌ مُّجْرِمُونَ ۞ 22
ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު ދުޢާ ކުރައްވައި ވިދާޅުވިއެވެ. މިބައިމީހުންނީ ކުށްވެރިވެގެންވާ ބަޔެކެވެ.
فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ ۞ 23
(އެކަލާނގެ ވަޙީ ކުރެއްވިއެވެ.) ފަހެ، ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން ރޭގަނޑެއްގައި ކަލޭގެފާނު ހިންގަވައި ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން (ފިރްޢައުނާއި، އޭނާގެ ލަޝްކަރު) އަންނާނެތެވެ.
وَٱتْرُكِ ٱلْبَحْرَ رَهْوًا إِنَّهُمْ جُندٌ مُّغْرَقُونَ ۞ 24
އަދި ކަނޑު އެއޮތްގޮތަށް (އެބަހީ: އެ ކަނޑު އިރުއްވެވިގޮތަށް) ހިމޭންކަމާއެކު ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން، އެއުރެންނީ ޣަރަޤު ކުރައްވާނޭ ލަޝްކަރެކެވެ.
كَمْ تَرَكُوا۟ مِن جَنَّٰتٍ وَعُيُونٍ ۞ 25
ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެއުރެން ދޫކުރިހެއްޔެވެ؟
وَزُرُوعٍ وَمَقَامٍ كَرِيمٍ ۞ 26
އަދި ދަނޑުތަކާއި، ރީތި ގޭގެވެސްމެއެވެ.
وَنَعْمَةٍ كَانُوا۟ فِيهَا فَٰكِهِينَ ۞ 27
އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި ނިޢުމަތުގެ ތަނަވަސް ދިރިއުޅުމެވެ.
كَذَٰلِكَ وَأَوْرَثْنَٰهَا قَوْمًا ءَاخَرِينَ ۞ 28
(ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ.
فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ ۞ 29
ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެއުރެންނީ މުހުލަތް ދެއްވާފައިވާ ބަޔަކުކަމުގައި ނުވެތެވެ.
وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ ۞ 30
ހަމަކަށަވަރުން، ނިކަމެތިކަންދެނިވި ޢަޛާބުން، ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިން މިންޖުކުރެއްވީމެވެ.
مِن فِرْعَوْنَ إِنَّهُۥ كَانَ عَالِيًا مِّنَ ٱلْمُسْرِفِينَ ۞ 31
(އެއީ) ފިރްޢައުނުގެ ކިބައިންނެވެ. ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ.
وَلَقَدِ ٱخْتَرْنَٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَٰلَمِينَ ۞ 32
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެމަތިން ޢާލަމްތަކުގެ މައްޗަށް އެއުރެން ޚިޔާރު ކުރެއްވީމެވެ.
وَءَاتَيْنَٰهُم مِّنَ ٱلْـَٔايَٰتِ مَا فِيهِ بَلَٰٓؤٌا۟ مُّبِينٌ ۞ 33
އަދި ބަޔާންވެގެންވާ އިމްތިޙާނެއް އޭގައި އެކުލެވިގެންވާ ހެކިތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ.
إِنَّ هَٰٓؤُلَآءِ لَيَقُولُونَ ۞ 34
ހަމަކަށަވަރުން، މިބައިމީހުން ބުނާކަން ކަށަވަރެވެ.
إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ ۞ 35
އެއީ ތިމަންމެންގެ ފުރަތަމަ މަރުކަމުގައިމެނުވީ ނުވެތެވެ. އަދި ތިމަންމެންނީ، އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ނުވަމުއެވެ.
فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَٰدِقِينَ ۞ 36
ފަހެ، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން (ދިރުވައި) ގެނެސްބަލާށެވެ!
أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَٱلَّذِينَ مِن قَبْلِهِمْ أَهْلَكْنَٰهُمْ إِنَّهُمْ كَانُوا۟ مُجْرِمِينَ ۞ 37
ރަނގަޅީ އެއުރެން ހެއްޔެވެ؟ ނުވަތަ ތުއްބަޢުގެ ޤައުމުގެމީހުންނާއި، އެއުރެންގެ ކުރިންއުޅުނު މީހުން ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ކުށްވެރިން ކަމުގައެވެ.
وَمَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَٰعِبِينَ ۞ 38
ތިމަންރަސްކަލާނގެ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ.
مَا خَلَقْنَٰهُمَآ إِلَّا بِٱلْحَقِّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ۞ 39
ޙައްޤު ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.
إِنَّ يَوْمَ ٱلْفَصْلِ مِيقَٰتُهُمْ أَجْمَعِينَ ۞ 40
ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަހަކީ، އެއުރެން އެންމެންނަށް ކަނޑައަޅުއްވާފައިވާ މީޢާދެވެ.
يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ ۞ 41
(އެއީ) އެއްވެސް އެހީތެރިޔަކަށް، އަނެއް އެހީތެރިޔެއްގެ ކިބައިން އެއްވެސްކަމެއް ފުއްދައިނުދެވޭނޭ ދުވަހެވެ. އަދި ނަޞްރު ލިބޭނޭ ބަޔަކުކަމުގައިވެސް އެއުރެން ނުވެތެވެ.
إِلَّا مَن رَّحِمَ ٱللَّهُ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ ۞ 42
ﷲ ރަޙުމަތް ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
إِنَّ شَجَرَتَ ٱلزَّقُّومِ ۞ 43
ހަމަކަށަވަރުން، ޒައްޤޫމު ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.
طَعَامُ ٱلْأَثِيمِ ۞ 44
ހަމަކަށަވަރުން، ޒައްޤޫމު ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.
كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ ۞ 45
ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ.
كَغَلْىِ ٱلْحَمِيمِ ۞ 46
ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ.
خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ ۞ 47
(ޒަބާނިއްޔަ މަލާއިކަތުންނަށް އަންގަވާނެތެވެ.) ގަދަފަދަކަމާއެކު އެމީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ!
ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ ۞ 48
ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ ޢަޛާބު އޮއްސާށެވެ!
ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ ۞ 49
(އަދި އޭނާޔަށް އަންގަވާނެތެވެ.) ކަލޭ (ޢަޛާބުގެ) ރަހަ ދެކޭށެވެ! ކަލެޔަކީ ހަމަ، ބާރުގަދަ މާތް މީހަކީމުއެވެ.
إِنَّ هَٰذَا مَا كُنتُم بِهِۦ تَمْتَرُونَ ۞ 50
ހަމަކަށަވަރުން، މިއީ ތިޔަބައިމީހުން އެކަންތަކާމެދު ޝައްކު ކޮށްއުޅުނު ކަންތަކެވެ.
إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ ۞ 51
ހަމަކަށަވަރުން، ތަޤްވާވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ.
فِى جَنَّٰتٍ وَعُيُونٍ ۞ 52
ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ.
يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَٰبِلِينَ ۞ 53
އެއުރެން ލައިއުޅޭހުށީ، ސުންދުސާއި، އިސްތަބްރަޤު ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ.
كَذَٰلِكَ وَزَوَّجْنَٰهُم بِحُورٍ عِينٍ ۞ 54
(ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން ޙޫރުލްޢީނުންނާ ކާވެނިކޮށްދެއްވާހުށީމެވެ.
يَدْعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ ۞ 55
އެތާނގައި އަމާންކަންމަތީގައި ތިބޭ ޙާލު، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ.
لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ ۞ 56
ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ ޢަޛާބުން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ.
فَضْلًا مِّن رَّبِّكَ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ۞ 57
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ފަޟްލުވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމައެއީއެވެ.
فَإِنَّمَا يَسَّرْنَٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ ۞ 58
ފަހެ، ތިމަންރަސްކަލާނގެ، އެފޮތް ކަލޭގެފާނުގެ ބަހުން ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ ۞ 59
ފަހެ، ކަލޭގެފާނު ބަލަބަލައި ހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް ބަލަބަލައި ތިބޭނެތެވެ.