AFIRIN Learn • Practice • Succeed
QURAN READER · 48 OF 114

Al-Fath

29 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ۞ 1

ފާޅުވެ ބަޔާން ވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ.

لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا ۞ 2

އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް ﷲ ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ ނިޢުމަތް ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.

وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا ۞ 3

އަދި ގަދަފަދަވެގެންވާ ނަޞްރަކުން ކަލޭގެފާނަށް ނަޞްރު ދެއްވުމަށްޓަކައެވެ.

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًا مَّعَ إِيمَٰنِهِمْ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ۞ 4

އެކަލާނގެއީ، މުއުމިނުންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ އީމާންކަމުގެ މައްޗަށް، އެއުރެންނަށް އީމާންކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ ލަޝްކަރު މިލްކުވެގެންވަނީ، ﷲއަށެވެ. މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.

لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا ۞ 5

(އެއީ) މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި ﷲގެ ޙަޟްރަތުގައި އެކަންތައްވިއެވެ.

وَيُعَذِّبَ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ وَسَآءَتْ مَصِيرًا ۞ 6

އަދި މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނާއި، ޝަރީކު ކުރާ ފިރިހެނުންނާއި، ޝަރީކު ކުރާ އަންހެނުންނަށް ޢަޛާބު ދެއްވުމަށްޓަކައެވެ. އެއުރެންނީ، ﷲއާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި ﷲ އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ۞ 7

އުޑުތަކާއި، ބިމުގެ ލަޝްކަރުތައް މިލްކުވެގެންވަނީ ﷲއަށެވެ. އަދި ޢަޒީޒުވަންތަ، ޙަކީމްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ۞ 8

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވައި، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ.

لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا ۞ 9

(އެއީ) ތިޔަބައިމީހުން ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާން ވުމަށްޓަކައެވެ. އަދި އެކަލާނގެއަށް ނަޞްރުވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން ތަސްބީޙަ ދެންނެވުމަށްޓަކައެވެ.

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ وَمَنْ أَوْفَىٰ بِمَا عَٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا ۞ 10

ހަމަކަށަވަރުން، ކަލޭގެފާނަށް ބައިޢަތު ހިފާމީހުން ބައިޢަތު ހިފާކަންކަށަވަރީ ﷲއަށެވެ. ﷲގެ ޔަދުޤުދުރަތްފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، ޢަހުދު އުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޢަހުދު އުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު ﷲއަށް ވެފައިވާ ޢަހުދު ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، ﷲ އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ.

سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا ۞ 11

އަޢުރާބީންގެ ތެރެއިން ހަނގުރާމަޔަށްނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ އަހުލުވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން މަޝްޣޫލު ކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ! އެއުރެންގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފިނަމަ، ﷲގެ ޙަޟްރަތުން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًا ۞ 12

އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ ރަސޫލާއާއި، މުއުމިނުން އެއުރެންގެ އަހުލުވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ.

وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَٰفِرِينَ سَعِيرًا ۞ 13

އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާން ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކާފިރުންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ.

وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ۞ 14

އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ ﷲއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޢަޛާބު ދެއްވަތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ يُرِيدُونَ أَن يُبَدِّلُوا۟ كَلَٰمَ ٱللَّهِ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ فَسَيَقُولُونَ بَلْ تَحْسُدُونَنَا بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًا ۞ 15

ޣަނީމާތަކެއް އަތުލުމަށްޓަކައި، ޣަނީމާތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ، ﷲގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިން ﷲ އަންގަވާފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނާ ޙަސަދަވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށް މެނުވީ އެއުރެންނަކަށް ނުވިސްނެތެވެ.

قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍ شَدِيدٍ تُقَٰتِلُونَهُمْ أَوْ يُسْلِمُونَ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًا وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا ۞ 16

އަޢުރާބީންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ގަދަފަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ އިސްލާމް ވުމަށެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންވާނަމަ، ރިވެތިވެގެންވާ ދަރުމަ ތިޔަބައިމީހުންނަށް ﷲ ދެއްވާނެތެވެ. އަދި މީގެކުރިން ތިޔަބައިމީހުން ފުރަގަސްދިން ފަދައިން ތިޔަބައިމީހުން ފުރަގަސްދޭނަމަ، ވޭންދެނިވި ޢަޛާބަކުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަޛާބު ދެއްވާނެތެވެ.

لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا ۞ 17

ކަނުމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ. ﷲއާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާމީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި ޢަޛާބަކުން އެކަލާނގެ ޢަޛާބު ދެއްވާނެތެވެ.

لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَٰبَهُمْ فَتْحًا قَرِيبًا ۞ 18

ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް ބައިޢަތު ހިފާހިނދު، އެ މުއުމިނުތަކުންނާމެދު ﷲ ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ ފަތަޙައެއް އެއުރެންނަށް ދެއްވިއެވެ.

وَمَغَانِمَ كَثِيرَةً يَأْخُذُونَهَا وَكَانَ ٱللَّهُ عَزِيزًا حَكِيمًا ۞ 19

އަދި އެއުރެންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތައްވެސްމެއެވެ. ޢަޒީޒުވަންތަ، ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.

وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًا مُّسْتَقِيمًا ۞ 20

ތިޔަބައިމީހުންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތަކެއް، ތިޔަބައިމީހުންނަށް ﷲ ވަޢުދު ކުރައްވާފައިވެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި (މުއުމިނުންނަށް ނަޞްރު ލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ.

وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا ۞ 21

އަދި އެކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން، ﷲ އެކަން ދެނެވޮޑިގެންވެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

وَلَوْ قَٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَٰرَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا ۞ 22

ކާފިރު ވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެއުރެން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެހީތެރިޔަކުވެސް، އަދި ނަޞްރުވެރިޔަކުވެސް ނުފެންނާނެތެވެ.

سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا ۞ 23

(އެއީ) މީގެކުރިންވެސް ﷲ އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި ﷲ ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا ۞ 24

ތިޔަބައިމީހުންގެ ކިބައިން، އެއުރެންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެކަލާނގެއެވެ. އަދި މައްކާގެ ތެރޭގައި، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރިކުރެއްވުމަށްފަހުގައި، އެއުރެންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެކަލާނގެއެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.

هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَٰتٌ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا ۞ 25

އެއުރެންނީ، ކާފިރުވެ، އަދި ޙުރުމަތްތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން ޤަތުލު ކުރެވިދާފަދަ، (ގޮތެއްގައިތިބި) މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި މައްކާ ފަތަޙަ ކުރެއްވުމުގެ އިޛުނަ ދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލައި، އެއުރެންގެ ސަބަބުން، (އެބަހީ: ޤަތުލު ކުރެވިދާފަދަ ގޮތެއްގައިތިބި މުއުމިނުންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެތެވެ. އެއީ ﷲ އިރާދަކުރައްވާ މީހަކު އެކަލާނގެ ރަޙްމަތުގެތެރެޔަށް ވެއްދެވުމަށްޓަކައެވެ. އެއުރެންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި ޢަޛާބަކުން އެއުރެންގެ ތެރެއިން ކާފިރުވި މީހުންނަށް ތިމަންރަސްކަލާނގެ ޢަޛާބު ދެއްވީމުހެވެ.

إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا ۞ 26

ކާފިރު ވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، ﷲ، އެކަލާނގެ ރަސޫލާގެ މައްޗަށާއި، މުއުމިނުތަކުންގެ މައްޗަށް، އެކަލާނގެ ޙަޟްރަތުން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި ތަޤްވާގެ ކަލިމަ، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ ކަލިމައަށް ޙައްޤު ކަން ބޮޑުވެފައި، އަދި އެ ކަލިމައިގެ އަހުލުވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا ۞ 27

ހަމަކަށަވަރުން، ﷲ، އެކަލާނގެ ރަސޫލާއަށް ހުވަފެންފުޅު ސީދާކުރައްވައި، ޙައްޤު ގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، ﷲ އިރާދަކުރެއްވިނަމަ ތިޔަބައިމީހުން އަމާންކަމާއެކުގައި، ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ ޙާލުގައި، އަދި ކުރުކޮށް ކޮށާ ޙާލުގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ ފަތަޙައެއް އެކަލާނގެ ދެއްވާހުށްޓެވެ.

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَكَفَىٰ بِٱللَّهِ شَهِيدًا ۞ 28

އެކަލާނގެއީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް، އެ ދީން ފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި ﷲ ފުދެއެވެ.

مُّحَمَّدٌ رَّسُولُ ٱللَّهِ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا ۞ 29

މުޙައްމަދުގެފާނީ، ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙްމަތްތެރިބަޔެކެވެ. ﷲގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢު ކޮށް ސަޖިދަ ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމަތް އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ، އެއުރެންގެ މިޘާލެވެ. އަދި އިންޖީލުގައިވާ، އެއުރެންގެ މިޘާލު އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖާއިބު ކޮށް ޙާއިރާން ކުރުވަމުންނެވެ. އެއުރެންދެކެ، ކާފިރުން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް ﷲ ވަޢުދު ކުރައްވާފައިވެއެވެ.