AFIRIN Learn • Practice • Succeed
QURAN READER · 54 OF 114

Al-Qamar

55 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ۞ 1

ޤިޔާމަތް ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.

وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ۞ 2

އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ.

وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ وَكُلُّ أَمْرٍ مُّسْتَقِرٌّ ۞ 3

އަދި އެއުރެން (ޙައްޤު ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން ތަބަޢަ ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ.

وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ ۞ 4

ހަމަކަށަވަރުން، ޚަބަރުތަކުގެ ތެރެއިން އެކަންކަމުގައި ޢިބްރަތް ހިމެނިގެންވާ ޚަބަރުތައް އެއުރެންގެ ގާތަށްއައެވެ.

حِكْمَةٌۢ بَٰلِغَةٌ فَمَا تُغْنِ ٱلنُّذُرُ ۞ 5

(މިއީ) ފުރިހަމަވެގެންވާ ޙިކުމަތެކެވެ. ފަހެ، އިންޛާރުތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ.

فَتَوَلَّ عَنْهُمْ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ ۞ 6

ފަހެ، ނުރުހެވޭކަމަކަށް ގޮވާމީހާ ގޮވާދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!

خُشَّعًا أَبْصَٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ۞ 7

އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ ޙާލު، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ.

مُّهْطِعِينَ إِلَى ٱلدَّاعِ يَقُولُ ٱلْكَٰفِرُونَ هَٰذَا يَوْمٌ عَسِرٌ ۞ 8

ގޮވާފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ ޙާލުގައެވެ. ކާފިރު ވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ.

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ ۞ 9

އެއުރެންގެ ކުރިން ނޫޙުގެފާނުގެ ޤައުމުގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ.

فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ ۞ 10

ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ދުޢާ ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) ނަޞްރު ދެއްވާނދޭވެ!

فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ ۞ 11

ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ.

وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ ۞ 12

އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ.

وَحَمَلْنَٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ ۞ 13

އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.

تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ ۞ 14

ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: ނޫޙުގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ.

وَلَقَد تَّرَكْنَٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ ۞ 15

އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟

فَكَيْفَ كَانَ عَذَابِى وَنُذُرِ ۞ 16

ފަހެ، ތިމަންރަސްކަލާނގެ ޢަޛާބާއި، ތިމަންރަސްކަލާނގެ އިންޛާރުތައްވީ ކޮންފަދައަކުން ހެއްޔެވެ؟

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ۞ 17

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟

كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ ۞ 18

ޢާދު ބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ ޢަޛާބާއި ތިމަންރަސްކަލާނގެ އިންޛާރުތައްވީ ކޮންފަދައަކުން ހެއްޔެވެ؟

إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ ۞ 19

ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ.

تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ ۞ 20

އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ.

فَكَيْفَ كَانَ عَذَابِى وَنُذُرِ ۞ 21

ފަހެ، ތިމަންރަސްކަލާނގެ ޢަޛާބާއި ތިމަންރަސްކަލާނގެ އިންޛާރުތައްވީ ކޮންފަދައަކުން ހެއްޔެވެ؟

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ۞ 22

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟

كَذَّبَتْ ثَمُودُ بِٱلنُّذُرِ ۞ 23

ޘަމޫދު ބާގައިމީހުން އިންޛާރުތައް ދޮގުކުރޫއެވެ.

فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَٰلٍ وَسُعُرٍ ۞ 24

ފަހެ އެއުރެން ބުނޫއެވެ. ތިމަންމެން ތަބަޢަ ވާންވީ ތިމަންމެންގެ ތެރެއިން އެންމެ އާދަމުގެދަރިޔަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ.

أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ ۞ 25

ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް ވަޙީ ބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީހެކެވެ.

سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ ۞ 26

ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: ޢަޛާބު އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ.

إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ ۞ 27

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް އިމްތިޙާނެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާގޮތް ބައްލަވައި އިންތިޒާރު ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ!

وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ كُلُّ شِرْبٍ مُّحْتَضَرٌ ۞ 28

އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ އެއުރެންގެ މެދުގައި (އެބަހީ: އެއުރެންނާއި އެ ޖަމަލާ ދެމެދު) ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ ދުވަހު) ޙާޟިރު ކުރައްވާފައިވެއެވެ.

فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ ۞ 29

ފަހެ، އެއުރެންގެ އެކުވެރިޔާއަށް އެއުރެން ގޮވޫއެވެ. ފަހެ، އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ.

فَكَيْفَ كَانَ عَذَابِى وَنُذُرِ ۞ 30

ފަހެ، ތިމަންރަސްކަލާނގެ ޢަޛާބާއި، ތިމަންރަސްކަލާނގެ އިންޛާރުތައްވީ ކޮންފަދައަކުންހެއްޔެވެ؟

إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ ۞ 31

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ.

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ۞ 32

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟

كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ ۞ 33

ލޫޠުގެފާނުގެ ޤައުމުގެމީހުން އިންޛާރުތައް ދޮގުކުރޫއެވެ.

إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ نَّجَّيْنَٰهُم بِسَحَرٍ ۞ 34

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. ލޫޠުގެފާނުގެ އަހުލުވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ.

نِّعْمَةً مِّنْ عِندِنَا كَذَٰلِكَ نَجْزِى مَن شَكَرَ ۞ 35

ތިމަންރަސްކަލާނގެ ޙަޟްރަތުން ދެއްވި ނިޢުމަތެއްގެގޮތުގައެވެ. ޝުކުރު ކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ.

وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ ۞ 36

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢުޤޫބާތުގެ ވާހަކައިން، އެކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރެއްވިއެވެ. ފަހެ، އެއުރެން އެ އިންޛާރުތަކާމެދު ޝައްކު ކުރޫއެވެ.

وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ ۞ 37

އަދި ހަމަކަށަވަރުން، އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެއުރެން އެދިގަތެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޢަޛާބާއި، އިންޛާރުގެ ރަހަ ލިބިގަންނާށެވެ!

وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ ۞ 38

އަދި ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި ޢަޛާބު އައިސް އެއުރެންނަށް ޖެހުނެވެ.

فَذُوقُوا۟ عَذَابِى وَنُذُرِ ۞ 39

ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޢަޛާބާއި، އިންޛާރުގެ ރަހަ ލިބިގަންނާށެވެ!

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ۞ 40

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟

وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ ۞ 41

ހަމަކަށަވަރުން، ފިރްޢައުނުގެމީހުންގެ ގާތަށް އިންޛާރުތައް އައެވެ.

كَذَّبُوا۟ بِـَٔايَٰتِنَا كُلِّهَا فَأَخَذْنَٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ ۞ 42

ތިމަންރަސްކަލާނގެ ދެއްކެވި ހުރިހާ މުޢުޖިޒާތްތައް އެއުރެން ދޮގުކުރޫއެވެ. ފަހެ، ޢަޒީޒުވަންތަ، ކުޅަދުންވަންތަ ކަލެއްގެ ހިއްޕެވުމަކުން، ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ.

أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ ۞ 43

އެއުރެންނަށްވުރެ ތިޔަބައިމީހުންގެ ކާފިރުން، ހެޔޮކަން ބޮޑީހެއްޔެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި ޢަޛާބުން މިންޖުވުމެއް، ތިޔަބައިމީހުންނަށްޓަކައި ވަނީހެއްޔެވެ؟

أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ ۞ 44

ނުވަތަ ތިމަންމެން އެންމެންނީ، ނަޞްރު ލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟

سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ ۞ 45

އެ (ކާފިރުންގެ) ޖަމާޢަތް ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ.

بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ ۞ 46

އަދި ކިއެއްތަ! އެއުރެންނަށް (ޢަޛާބު ދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، ޤިޔާމަތް ވުމުގެ ވަގުތެވެ. އަދި ޤިޔާމަތް ވުމުގެ ވަގުތު (އެއުރެންގެ މައްޗަށް) ދަތިކަން މާބޮޑެވެ. އަދި ހިތިކަންވެސް މާބޮޑުމެއެވެ.

إِنَّ ٱلْمُجْرِمِينَ فِى ضَلَٰلٍ وَسُعُرٍ ۞ 47

ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ.

يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ ۞ 48

(އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!

إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ ۞ 49

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.

وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ ۞ 50

އަދި ތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ.

وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ ۞ 51

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟

وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ ۞ 52

އަދި އެއުރެންކުޅަ ކޮންމެކަމެއް، ފަތްފުށްތަކުގައިވެއެވެ.

وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ ۞ 53

އަދި ކުދިބޮޑު އެންމެހާ ކަންތައް (އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވެއެވެ.

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَهَرٍ ۞ 54

ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ ނިޢުމަތުގައެވެ.

فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ ۞ 55

ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ ޙަޟްރަތުގައެވެ.