AFIRIN Learn • Practice • Succeed
QURAN READER · 57 OF 114

Al-Hadid

29 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ۞ 1

އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް، ﷲއަށް ތަސްބީޙަ ކިޔައިފިއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.

لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ يُحْىِۦ وَيُمِيتُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ۞ 2

އުޑުތަކާއި، ބިމުގެ ވެރިކަން މިލްކު ވެގެންވަނީ، އެކަލާނގެއަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ۞ 3

އެކަލާނގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ހެކިތަކުން) ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ޙިއްސުތަކަށް) ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

هُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ۞ 4

އެކަލާނގެއީ، އުޑުތަކާއި، ބިން، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ ޢަރްޝުގެ މައްޗަށް އިސްތިވާ ވެވޮޑިގަތެވެ. ބިމުގެތެރެޔަށް ވަންނަ ތަކެއްޗާއި، އެ ބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ. އަދި ﷲއީ، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ۞ 5

އުޑުތަކާއި، ބިމުގެ ވެރިކަން މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އެންމެހާ ކަންތައް ރުޖޫޢަ ކުރައްވާހުށީ، ﷲގެ ޙަޟްރަތަށެވެ.

يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ ۞ 6

އެކަލާނގެ، ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ ۞ 7

ﷲއާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާން ވާށެވެ! އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން ޚަލީފާވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ! އެއުރެންނަށް ބޮޑުވެގެންވާ ދަރުމަހުށްޓެވެ.

وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَٰقَكُمْ إِن كُنتُم مُّؤْمِنِينَ ۞ 8

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އީމާން ވުމަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާ ޙާލު، ތިޔަބައިމީހުން ﷲއަށް އީމާން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުންގެ (ކިބައިން) ކަށަވަރުވެގެންވާ ޢަހުދު ހިއްޕަވާފައިވެއެވެ. ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައި ވާނަމައެވެ.

هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَٰتٍۭ بَيِّنَٰتٍ لِّيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ ۞ 9

އެކަލާނގެއީ، ބަޔާންވެގެންވާ އާޔަތްތަކެއް، އެކަލާނގެ އަޅާގެ މައްޗަށް ބާވައިލައްވާ ރަސްކަލާނގެއެވެ. (އެއީ) އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންނާމެދު ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَٰتَلَ أُو۟لَٰٓئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَٰتَلُوا۟ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ۞ 10

އަދި ﷲގެ މަގުގައި ތިޔަބައިމީހުން ހޭދަނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އުޑުތަކާއި، ބިމުގެ މިލްކުވެރިކަންވަނީ ﷲއަށެވެ. (މައްކާ) ފަތަޙަ ވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް، އަދި ހަނގުރާމަކޮށް އުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެތެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަ ކުޅަމީހުންނަށްވުރެން ދަރަޖައިގެގޮތުން އެއުރެން (އެބަހީ: މައްކާ ފަތަޙަ ކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާ މާތްކަންބޮޑެވެ. ކޮންމެ ބަޔަކަށްމެ ހެޔޮދަރުމަ، ﷲ ވަޢުދު ކުރައްވާފައިވެއެވެ. އަދި ﷲއީ، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌ كَرِيمٌ ۞ 11

ހެޔޮވެގެންވާ ދަރަންޏަކުން ﷲއަށް ދަރަނިދޭހުށީ (އެބަހީ: ﷲއަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، އެމީހަކަށްޓަކައި (އެކަމުގެ) ދަރުމަ، އެކަލާނގެ ގިނަގުނަކުރައްވާނެތެވެ. އަދި އެމީހަކަށް ދީލަތިވެގެންވާ ދަރުމަހުށްޓެވެ.

يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ۞ 12

މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޭ ދުވަހު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން، އެއުރެންގެ ނޫރު ހިނގަހިނގާ ހުންނާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) މިއަދު ތިޔަބައިމީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުށްޓެވެ. (އެއީ) އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމައެއީއެވެ.

يَوْمَ يَقُولُ ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ ۞ 13

(އެއީ) މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުން، އީމާންވި މީހުންނަށް ބުނާދުވަހެވެ. ތިޔަބައިމީހުންގެ ނޫރުން ތިމަންމެން އަލިކަމެއް ލިބިގަތުމަށްޓަކައި ތިޔަބައިމީހުން ތިމަންމެންނަށް އިންތިޒާރު ކުރާށެވެ! އަންގަވާނެތެވެ. ތިޔަބައިމީހުންގެ ފަހަތަށް ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! ފަހެ، ތިޔަބައިމީހުން (އެހެން) ނޫރަކަށް އެދޭށެވެ! ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ ރަޙްމަތެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ ޢަޛާބެވެ.

يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ قَالُوا۟ بَلَىٰ وَلَٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ ۞ 14

އެއުރެން (އެބަހީ: މުނާފިޤުން) އަނެއްބައި މީހުންނަށް ގޮވައި އުޅޭނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަމުހެއްޔެވެ؟ އެއުރެން (އެބަހީ: މުއުމިނުން) ބުނާނެތެވެ. ނޫނެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ފިތުނަވެރިކޮށް، ހަލާކުކުޅައީމުއެވެ. އަދި (މުއުމިނުންނަށް ދެރަލިބުމަށް) ތިޔަބައިމީހުން އިންތިޒާރުކުޅައީމުއެވެ. އަދި ތިޔަބައިމީހުން ޝައްކުކުޅައީމުއެވެ. އަދި ދޮގު އުންމީދުތައް ތިޔަބައިމީހުން ހެއްލުންތެރި ކުޅައެވެ. ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެނެވެ. އަދި ﷲއާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުޅައެވެ.

فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ ٱلَّذِينَ كَفَرُوا۟ مَأْوَىٰكُمُ ٱلنَّارُ هِىَ مَوْلَىٰكُمْ وَبِئْسَ ٱلْمَصِيرُ ۞ 15

ފަހެ، މިއަދު ތިޔަބައިމީހުންގެ ކިބަޔަކުން އަދި ކާފިރު ވިމީހުންގެ ކިބަޔަކުންވެސް ފިދުޔައެއް އަތުނުލައްވާހުށްޓެވެ. ތިޔަބައިމީހުން ތިބެނިވިތަނަކީ ނަރަކަޔެވެ. ތިޔަބައިމީހުންގެ އެހީތެރި ފަރާތަކީވެސް އެއީއެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِّنْهُمْ فَٰسِقُونَ ۞ 16

ﷲ ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ ފާސިޤުންނެވެ.

ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا قَدْ بَيَّنَّا لَكُمُ ٱلْـَٔايَٰتِ لَعَلَّكُمْ تَعْقِلُونَ ۞ 17

ބިންގަނޑު މަރުވެ އޮތުމަށްފަހު، ހަމަކަށަވަރުން، ﷲ އެ ބިންގަނޑު ދިރުއްވާކަން ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި އާޔަތްތައް ބަޔާންކޮށްދެއްވީމެވެ. (އެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَٰعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ ۞ 18

ހަމަކަށަވަރުން، ޞަދަޤާތް ކުރާ ފިރިހެނުންނާއި، ޞަދަޤާތް ކުރާ އަންހެނުންނާއި، އަދި ހެޔޮވެގެންވާ ދަރަނި ދިނުމަކުން ﷲއަށްޓަކައި ދަރަނި ދިން (އެބަހީ: ﷲއަށްޓަކައި ހޭދަކުރި) މީހުން (ދަންނާށެވެ!) އެއުރެންނަށް (އެކަންކަމުގެ) ދަރުމަ ގިނަގުނަ ކުރައްވާނެތެވެ. އަދި އެއުރެންނަށް ދީލަތިވެގެންވާ ދަރުމަ ހުށްޓެވެ.

وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَٰٓئِكَ هُمُ ٱلصِّدِّيقُونَ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ ۞ 19

ﷲއާއި، އެކަލާނގެ ރަސޫލުންނަށް އީމާން ވިމީހުން (ދަންނާށެވެ!) އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ޞިއްދީޤުންނާއި، ޝަހީދުންނެވެ. އެއުރެންގެ ދަރުމައާއި، އެއުރެންގެ ނޫރު، އެއުރެންނަށް ހުށްޓެވެ. އަދި ކާފިރުވެ، ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ.

ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَكُونُ حُطَٰمًا وَفِى ٱلْـَٔاخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَٰنٌ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ ۞ 20

ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބު ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.

سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ۞ 21

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ﷲއަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވި މީހުންނަށްޓަކައެވެ. އެއީ ﷲގެ ފަޟްލުވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެ ފަޟްލުވަންތަކަން ދެއްވަތެވެ. ﷲއީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ۞ 22

އެއްވެސް މުޞީބަތެއް، ތިމަންރަސްކަލާނގެ އެ މުޞީބަތެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ ﷲއަށް ދާދިފަސޭހަ ކަމެކެވެ.

لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ۞ 23

(އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.

ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ ۞ 24

އެއުރެންނީ، ދަހިވެތިވާ މީހުންނެވެ. އަދި ދަހިވެތިވުމަށް މީސްތަކުންނަށް އަމުރުކުރާ މީހުންނެވެ. (ﷲގެ މަގަށް) ފުރަގަސްދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.

لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ ۞ 25

ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލު އިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމް ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲއާއި، އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެއެވެ.

وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَٰهِيمَ وَجَعَلْنَا فِى ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلْكِتَٰبَ فَمِنْهُم مُّهْتَدٍ وَكَثِيرٌ مِّنْهُمْ فَٰسِقُونَ ۞ 26

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނާއި އިބްރާހީމުގެފާނު ރަސޫލުކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ ރަސޫލުންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ، އެއުރެންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، ފާސިޤުންނެވެ.

ثُمَّ قَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَٰهُ ٱلْإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ٱبْتَدَعُوهَا مَا كَتَبْنَٰهَا عَلَيْهِمْ إِلَّا ٱبْتِغَآءَ رِضْوَٰنِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا فَـَٔاتَيْنَا ٱلَّذِينَ ءَامَنُوا۟ مِنْهُمْ أَجْرَهُمْ وَكَثِيرٌ مِّنْهُمْ فَٰسِقُونَ ۞ 27

ދެން ތިމަންރަސްކަލާނގެ އެބޭކަލުންނާ ވިދިގެން ފަހަތުން ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު އެބޭކަލުންގެ ފަހުން ފޮނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިންޖީލު ދެއްވީމެވެ. އަދި އެކަލޭގެފާނަށް ތަބަޢަ ވީ މީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި، ރަޙްމު ލެއްވީމެވެ. އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެއުރެން އަމިއްލަޔަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއްނޫނެވެ. އެހެނެއްކަމަކު، އެކަން އެއުރެން ފެށީ، ﷲގެ ރުހިވޮޑިގަތުން އެދިގެންނެވެ. ފަހެ، އެއުރެން ޙައްޤު ގޮތުގައި އެކަމަށް ރައްކާތެރިވާންވީ ވަރަކަށް ރައްކާތެރިއެއް ނުވެތެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންގެ ތެރެއިން އީމާންވި މީހުންނަށް އެއުރެންގެ ދަރުމަ ދެއްވީމެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، ފާސިޤުންނެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ ۞ 28

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި އެކަލާނގެ ރަސޫލާއަށް އީމާން ވާށެވެ! އޭރުން އެކަލާނގެ ރަޙްމަތުން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

لِّئَلَّا يَعْلَمَ أَهْلُ ٱلْكِتَٰبِ أَلَّا يَقْدِرُونَ عَلَىٰ شَىْءٍ مِّن فَضْلِ ٱللَّهِ وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ۞ 29

އެއީ ﷲގެ ފަޟްލުވަންތަކަމުގެ ތެރެއިން އެއްވެސްކަމެއްގެ މައްޗަށް އެއުރެންނަށް ކުޅަދާނަވެގެން ނުވާކަން، ފޮތުގެ އަހުލުވެރިން ދެނެގަތުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، ފަޟްލުވަންތަކަންވަނީ، ﷲގެ ޔަދުޤުދުރަތްފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަން ދެއްވަތެވެ. ﷲއީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.