بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا جَآءَكَ ٱلْمُنَٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَٰفِقِينَ لَكَٰذِبُونَ ۞ 1
ކަލޭގެފާނުގެ އަރިހަށް މުނާފިޤުން އަތުވެއްޖެހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، ﷲގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާކަން ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، މުނާފިޤުންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.
ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ۞ 2
އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން ﷲގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!
ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ۞ 3
އެއީ އެއުރެން އީމާންވެ، ދެން އެއަށްފަހު ކާފިރު ވީކަމުގެ ސަބަބުންނެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވަނީ ސިއްކަޖައްސަވައިފައެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެތެވެ.
وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ قَٰتَلَهُمُ ٱللَّهُ أَنَّىٰ يُؤْفَكُونَ ۞ 4
އަދި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގެންފިނަމަ، އެއުރެންގެ ހަށިތައް ކަލޭގެފާނު ޢަޖާއިބު ކުރުވަތެވެ. އަދި އެއުރެން ވާހަކަ ދައްކާނަމަ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ ޙަމަލާއެއް ކަމުގައެވެ. އެއުރެންނީ، ހަމަ ޢަދާވަތްތެރިންނެވެ. ފަހެ، ކަލޭގެފާނު އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! ﷲ، އެއުރެންނަށް ލަޢުނަތް ލައްވާހުށްޓެވެ. އެއުރެން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ ۞ 5
އަދި ﷲގެ ރަސޫލާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް ދުޢާ ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެންގެ ބޯތައް ހޫރުވައިލައެވެ. އަދި އެއުރެން ކިބުރުވެރިވެގެންވާ ޙާލުގައި، އެއުރެން ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.
سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ ۞ 6
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު ދުޢާ ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު ދުޢާ ނުކުރެއްވިޔަސް، އެއުރެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ﷲ، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އަދި ހަމަކަށަވަމުން، ފާސިޤު ވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.
هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَفْقَهُونَ ۞ 7
އެއުރެން (ﷲގެ ރަސޫލާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާނދެން ﷲގެ ރަސޫލާ އަރިހުގައި ތިބިބަޔަކަށް ތިޔަބައިމީހުން ހޭދަނުކުރާށޭ ބުނާމީހުންނީ، އެއުރެންނެވެ. އަދި އުޑުތަކާއި، ބިމުގައިވާ ޚަޒާނާތައް މިލްކުވެގެންވަނީ، ﷲއަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނުވިސްނެތެވެ.
يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَعْلَمُونَ ۞ 8
އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި މަދީނާއަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެންމެ ޢިއްޒަތްތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ. (އެހެންނަކުން ނޫނެވެ.) ޢިއްޒަތް ވަނީ، ﷲއަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެތެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُمْ عَن ذِكْرِ ٱللَّهِ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ۞ 9
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން މަޝްޣޫލު ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ.
وَأَنفِقُوا۟ مِن مَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ ۞ 10
އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި އަޖަލަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ ޞަދަޤާތް ކޮށް، ޞާލިޙު އަޅުންގެ ތެރެއިން ވާހުށީމެވެ.
وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ۞ 11
އަދި ﷲ، އެއްވެސް ނަފްސެއް، އޭގެ އަޖަލު އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.